ދާދި ފަހުން ދަ އިކޮނޮމިސްޓް ގައި “ވިއެޓްނާމްގެ އިސްކޫލުތައް އެހާ ރަނގަޅީ ކީއްވެ؟” މިސުރުޚީގެ ދަށުން ޝާއިއުކޮށްފައިވާ މަޒުމޫނެއްގައި ބުނެފައިވާ ގޮތުގައި ވިއެޓްނާމްގެ މަދަރުސީ ތައުލީމުގެ ނިޒާމަކީ ދުނިޔޭގެ އެންމެ ރަނގަޅު މިފަދަ އެއް ނިޒާމެވެ. ވާރލްޑް ބޭންކާ ހަވާލާދީ މިމަޒުމޫނުގައި ބުނެފައިވާގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގެ އިމްތިހާނުތަކުން ކިޔުން (ރީޑިންގ)، ހިސާބު، އަދި ސައިންސް މިމާއްދާތަކުން ވިއެޓްނާމްގެ ދަރިވަރުން ހޯދާ ނަތީޖާ، ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެތެރޭގައި ހިމެނޭ އިނގިރޭސިވިލާތާއި ކެނެޑާފަދަ ބައެއް ގައުމުތަކަށްވުރެ ރަނގަޅެވެ. ނަމަވެސް މިލިޔުމުން އަޅުގަނޑު އެންމެ އަޅައިގަތީ މިކަން މިހެން މެދުވެރިވާ ސަބަބު ބަޔާންކޮށްފައިވާ ޕެރެގުރާފުގައެވެ. އޭގައި ވެއެވެ. “އެންމެ ބޮޑު ސަބަބަކީ ވިއެޓްނާމްގެ މުދައްރިސުންގެ ފެންވަރުމަތި ކަމެވެ. އެމީހުންގެ މުދައްރިސްކަމުގެ ޝަރުޠު ފުރިހަމައަށް ހަމަވުން އެކަންޏެއް ނޫނެވެ. އެމީހުންގެ ކިޔަވައިދިނުންވެސް ހަމަ އާދަޔާޚިލާފަށް މޮޅީއެވެ.”
ފެންވަރުމަތީ މުދައްރިސުންގެ ވާހަކައަކީ ރާއްޖޭގައިވެސް ތައުލީމީ އަދި ސިޔާސީ އެކި މަންސަތަކުގައި، އެކި ދުވަސްވަރު، އެކި މިންވަރަށް ދެކެވޭ ވާހަކައެކެވެ. މިއީ ކަމުގެ އިލްމުވެރިންނާއި ތަޖުރިބާކާރުން އިއްތިފާގުވާ ކަމެކެވެ. ފެންވަރުމަތީ މުދައްރިސުން މެދުވެރިކޮށް މެނުވީ ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޒަމާނާގުޅޭ، ރަނގަޅު ތައުލީމު ފޯރުކޮށްދީގެން މެނުވީ ދަރިވަރުންގެ ކްރިޓިކަލްތިންކިންގ، ކަންކަމަށް ހައްލުހޯދުން (ޕްރޮބްލަމް ސޯލްވިންގ)، މުވާސަލާތުކުރުމާއި ގުޅިގެން މަސައްކަތްކުރުން، އަދި ޓެކްނޮލޮޖިކަލް ލިޓްރެސީ ފަދަ 21 ވަނަ ގަރުނަށް ކޮންމެހެން ބޭނުންވާ އިލްމާއި ހުނަރު ލިއްބައި ނުދެވޭނެއެވެ. މިބުނެވުނު ހުނަރުތައް މިހާރުގެ ކުދިންނަށް ފޯރުކޮށްދީގެން މެނުވީ ގައުމުގެ އިގްތިސާދީ، އިޖްތިމާއީ އަދި ސަލާމަތީ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުންވާ އިންސާނީ ވަސީލަތް ކުރިމަގަށްޓަކައި ބިނާ ނުކުރެވޭނެއެވެ. މިހެންވުމުން ކޮންމެ މީހަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ވެރިކަމުގެ ބާރު އޮތްކަމުގައިވިޔަސް ގައުމުގެ ތައުލީމަކީ ސީޔާސީ ކުޅިވަރުން ބޭރުގައި، ހަރުދަނާކަން މަތީގައި އަބަދުމެ ހިންގަންޖެހޭ އެއްޗެކެވެ.
ފެންވަރުމަތީ މުދައްރިސުންގެ ވާހަކަ ދައްކާއިރު މިއާގުޅިފައިވާ އެތައް ކަމެއް ވެއެވެ. ނަމަވެސް މިލިޔުމުގައި ފާހަގަ ކޮށްލަން ބޭނުންވަނީ މައިގަނޑު ދެ ކަމެކެވެ. ފުރަތަމަ ކަމަކީ މުދައްރިސުން ތަމްރީނުކުރުމަށް މަތީތައުލީމުދޭ މަރުކަޒުތަކުގައި މިހާރު ހިންގާ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމެވެ. ދެވަނަ ކަމަކީ ޚިދުމަތުގައި ތިބި މުދައްރިސުންގެ އިލްމާއި ހުނަރު ތާޒާކުރުމަށް ޒަމާނާ ގުޅޭ ދެމެހެއްޓެނިވި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތައް ހިންގުމެވެ. ކީއްވެގެންތޯއެވެ. ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ދެކެމުންއަންނަ ބޮޑެތި ކުރިއެރުންތަކާއެކު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ގިނަކަންކަން ބަދަލުވެއްޖެއެވެ. މިއާއެކު ތައުލީމީ އެކިއެކި މަރުހަލާތައް ފުރިހަމަކޮށް ވަޒީފާގެ މައިދާނަށް ނުކުންނަ މީހުންނަށް އެނގުން ލާޒިމު އިލްމާއި ގާބިލުކަންވެސް ބަދަލުވެއްޖެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ ވިސްނުމަށް ކުރިން ނާންނަ މިންވަރަށެވެ. އަދި ކުރިމަގުގައިވެސް މިކަން އޮންނާނީ މިގޮތަށެވެ.
މިބުނެވުނު ބަދަލުތަކާ ފައިހަމަކޮށް، އުނގެނުމާއި އުނގަންނައި ދިނުމުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ، ޒަމާނަށްފެތޭ، އިލްމާއި ހުނަރު ލިއްބައިދިނުމަށް އެކިއެކި އުކުޅުތަކާއި ގޮތްތައް ތައާރަފު ކުރެވިއްޖެއެވެ. ޓެކްނޮލޮޖީ މެދުވެރިކޮށް އުނގެނުމެވެ. ޕަރނަލައިޒްޑް ލަރނިންގ އެވެ. ޕްރޮޖެކްޓް-ބޭސްޑް ލަރނިންގ އެވެ. ގޭމް-ބޭސްޑް ލަރނިންގ އެވެ. ވަރކް-އިންޓަގްރޭޓެޑް ލަރނިންގ އެވެ. މިއީ މަދު މިސާލެކެވެ. މީގެއިތުރުންވެސް އުނގަންނައިދިނުމުގައި އެކްސެސިބިލިޓީ، އިކުއިޓީ، އަދި އިންކްލޫސިވިޓީ ފަދަ އެތައް ދާއިރާއަކުން އަޅުގަނޑުމެންނަށް ކުރިން ނޭނގޭ، ނުވަތަ ނުދައްކާ އެތައް ވާހަކައެއް މިހާރުގެ އެންމެ ހޫނު ސުރުޚީތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ނަތީޖާއަކީ ތޯއެވެ. ކުރިން އަޅުގަނޑުމެން މުދައްރިސުން ތަމްރީނުކުރަމުން އައިގޮތް މުސްކުޅިވެ، ޒަމާނަށް ނުފެތުމެވެ. ތަމްރީނުކުރެވި، މިހާރު ޚިދުމަތުގައި ތިބި ބައެއް މުދައްރިސުން އިތުރު ތަމްރީނާނުލައި، މިޖީލުގެ ކުދިންނަށް އުނގަންނައި ދިނުމަށް އެކަށޭނަ ނުވުމެވެ.
މާދުރުނޫން މާޒީއިން ކަމެއް ފާހަގަ ކޮށްލާނަމެވެ. މީގެ އަށެއްކަ އަހަރުކުރިއެވެ. އޭރުގެ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައިދިނުމަށް ބާރުއެޅުމުގެ ގޮތުން ރާއްޖޭގެ އިސްކޫލުތަކަށް އެތައް ހާސް ޓެބްލެޓް ގަނެވުނެވެ. ހަނދާން ބަލި ނޫންނަމަ 70 ހާހަށް ވުރެ ގިނަ ޓެބްލެޓެވެ. އަދި މިޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައި ކޮންމެ އިސްކޫލެއްގައި ކޮންމެވެސް މިންވަރެއްގެ އިންޓަނެޓް ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތްތަކެއް ފެށުނު ކަމަށްވެސް ރިޕޯޓު ކުރެވުނެވެ. ރާއްޖޭގެ ނިސްބަތުން ބަލާނަމަ މިއީ ދައުލަތުން ކުރެވުނު އެކަށީގެންވާ ބޮޑު ޚަރަދެކެވެ. ރަނގަޅު މަސައްކަތެކެވެ. ހަމައެއާއެކު އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަކާލާތު ކުރާ މީހެއްގެ ހައިސިއްޔަތުން މިއީ އަޅުގަނޑުގެ އުންމީދު އައުވި ކަމެކެވެ. ނަމަވެސް މިދެންނެވި އެތައް ހާސް ޓެބްލެޓްގެ ތެރެއިން ކިލާހެއްގައި ބޭނުންކުރެވުނީ ކިތައް ޓެބްލެޓް ތޯއެވެ. އަދި ބޭނުންކުރެވުނު ނަމަ ކޮންކަމަކަށް، ކޮންގޮތަކަށް ތޯއެވެ. ސަބަބުތައް މަދުނުވެ ދާނެއެވެ. ނަމަވެސް މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައިދިނުމުގެ މައުލޫމާތާއި ހުނަރު މުދައްރިސުންގެ ކުޑަވުން ހިމެނޭކަމީ ޝައްކެއްނެތް ކަމެކެވެ. މައާފު ކުރާށެވެ. އަޅުގަނޑުގެ މުރާދަކީ ރާއްޖޭގެ އެއްވެސް މުދައްރިސަކަށް ކުޑައިމީސް ބަހެއް ބުނުމެއް ނޫނެވެ. އިންތިހާއަށް ދަތި އެތައް ހާލަތެއްގެ ތެރެއިން ރެއާއިދުވާލު އެމީހުން ކުރާ މަސައްތަކަށް އައްސަރިބަހެވެ. ނަމަވެސް ކިލާހުގައި ހުންނަ އިސްކިރީނަކުން މަލްޓިމީޑިޔާ ޕްރެޒެންޓޭޝަނެއް ދެއްކުމަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުން ކަމަށް މާނަ ކުރުމަކީ އެކަމުގެ އެންމެ ރަނގަޅު މަފްހޫމެއް ނޫނެވެ. އުނގަންނައިދިނުމާއި ޓެކްނޮލޮޖީ އެއްކުރުމަކީ އެއަށްވުރެ މާ މާނަފުން ކަމެކެވެ. އިލްމާއި ހުނަރު ބޭނުންވާ ކަމެކެވެ. މިކަމަށްޓަކައި މާއްދާގެ ކޮންޓެންޓާއި ކިޔަވައިދިނުމުގެ އިލްމުގެ އިތުރުން، މުދައްރިސުންނަށް “ޓެކްނޮލޮޖިކަލް ކޮންޓެންޓް ނޮލެޖް” އަދި “ޓެކްނޮލޮޖިކަލް ޕެޑަގޮޖިކަލް ނޮލެޖް” ބޭނުންވާނެއެވެ. މިބުނެވުނު އިލްމާއިހުނަރު ނެތި، ޓެބްލެޓް އެއީ ކިތަންމެ މޮޅު އާލާތެއް ނަމަވެސް، ކިލާހުގައި އެއީ މާބޮޑު މާނަވީ އެއްޗަކަށް ނުވާނެއެވެ. ހިތް ނޭދުނަސް މިހަގީގަތް ގަބޫލުކުރަމާ ހިނގާށެވެ. ހެޔޮބަދަލަކަށް އެދޭނަމައެވެ. ޒަމާނީ ތަރައްގީއާ ފައިހަމަކުރަން ބޭނުން ނަމައެވެ.
މުދައްރިސުން ތަމްރީނު ކުރުމާއި ތާޒާކުރުމަކީ ސީރިޔަސް ކަމެކެވެ. އަންނަން އޮތް އެތައް ޖީލަކާއި، ގައުމުގެ ކުރިމަގާ ގުޅިފައިވާ ހައްސާސީ ކަމެކެވެ. ދައުލަތުގެ ކަމާގުޅުން ހުރި މުވައްސަސާތަކާއި މަތީތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމެކެވެ. މިކަމަށްޓަކައި ރާއްޖޭގައި މިހާރު މުދައްރިސުން ތަމްރީނުކުރެވޭ ގޮތް މުރާޖައާ ކުރަންޖެހެއެވެ. ޚިދުމަތުގައި ތިބި މުދައްރިސުންގެ މައުލޫމާތާއި ހުނަރު އަދާހަމަ ކުރަންޖެހެއެވެ. މިލިޔުމުގެ ފެށުމުގައި އިޝާރާތްކުރެވުނު މަޒުމޫނުގައި ވިއެޓްނާމް މުދައްރިސުންގެ ފެންވަރު މަތިވާ ސަބަބުތަކުގެ ތެރޭގައި ބުނެފައިވެއެވެ. “ވިއެޓްނާމް ސަރުކާރުން ތައުލީމުގެ ފުރިހަމަ އަގު ދަނެއެވެ… އެގައުމުގެ މުދައްރިސުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަނީ އެމީހުންގެ ކަންކަން ރަނގަޅަށް ބަލަހައްޓާތީއެވެ.” މީފަހެ، އަޅުގަނޑުމެން ގަބޫލުކުރާ ވިސްނުމެއް ހެއްޔެވެ؟ އެހެންވެއްޖިޔާ މަސައްކަތް ފެށުން ލަހެއް ނުވޭހެއްޔެވެ؟ މަސައްކަތް ފެށިފައިވާނަމަ އަޅުގަނޑުމެންގެ މިސްރާބު ރަނގަޅު ހެއްޔެވެ؟