“ކޮންމެ ދުވަހަކު ކިލާހުގައި މުދައްރިސާ ބައްދަލުނުވެ ކިޔަވާ ދަރިވަރުންގެ ފެންވަރެއް ނުހުރެއެވެ. އޮންލައިން ކިޔަވައިދިނުމަކީ މަތީތައުލީމު ހަލާކުވާ ކަމެކެވެ. މިގޮތަށް ކިޔަވާ ދަރިވަރުން ސަނަދު ހޯދަނީ އެހެން މީހުން ލައްވައި މަސައްކަތް ކުރުވައިގެންނެވެ. މިފަދަ ކިޔެވުން މެދުވެރިކޮށް ފަންނީ ދާއިރާތަކުގެ މީހުން ތަމްރީނު ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު ކިލާހުގައި މުދައްރިސާ ބައްދަލު ނުވެ، ދަރިވަރުންނަށް އުނގަންނައި ނުދެވޭނެތީއެވެ.”
އިސްވެ ބަޔާން ކުރެވުނީ ކޮންމެ ދުވަހަކު ކިލާހުގައި މުދައްރިސާ ބައްދަލުނުވެ ކިޔަވާ ކިޔެވުމާމެދު، ބައެއް މީހުން ގެންގުޅޭ ވިސްނުމުގެ ޚުލާސާއެކެވެ. މީގެތެރޭގައި އުނގެނުމާއި އުނގަންނައިދިނުމުގެ އެކި ފަންތީގައި މަސައްކަތް ކުރާ މީހުންވެސް ހިމެނެއެވެ. ނަމަވެސް މިއީ ހަމަ ތެދެއް ހެއްޔެވެ؟ މަތީތައުލީމު ދިނުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާގޮތް ބުނެދޭ ހަގީގަތަކީ ކޮބައިހެއްޔެވެ؟
ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން “ފްލެކްސިބްލް” ކިޔެވުމުގެ ގޮތްތައް ބޭނުންކުރާ ދަރިވަރުންގެ އާބާދީ ހަލުވިކަމާއެކު އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ހުރިހާ ބައްރެއްގައިވެސް މެއެވެ. ވަކިން ޚާއްސަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައެވެ. އޮސްޓްރޭލިޔާގައި ކޮންމެ ދުވަހަކު ކިލާހަށް ހާޒިރުނުވެ ކިޔަވާ ދަރިވަރުން (އޯފް-ކެމްޕަސް ދަރިވަރުން) އިތުރުވާ ނިސްބަތް، ފޭސް-ޓު-ފޭސް ދަރިވަރުން އިތުރުވާ ނިސްބަތަށްވުރެ މައްޗެވެ. އެގައުމުގައި މަތީތައުލީމުގައި ބައިވެރިވާ ދަރިވަރުންގެ 20 އިންސައްތަ މިގޮތަށް ކިޔަވައެވެ. ފޭސް-ޓު-ފޭސް ކިޔެވުމާއި އޮންލައިން ކިޔެވުން އެއްކޮށްގެން ކިޔަވާ ދަރިވަރުންވެސް އަންނަނީ އިތުރުވަމުންވެ. މިގޮތުން އޮސްޓްރޭލިޔާގައި މަތީ ތައުލީމަށް 2016 ވަނަ އަހަރު ރަޖިސްޓަރީ ކުރި ދަރިވަރުންގެ 13 އިންސައްތަ އަކީ މިގޮތަށް ކިޔެވި ދަރިވަރުންނެވެ. އަދި 2017 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު މިނިސްބަތް 5 އިންސައްތަ އިތުރުވެފައިވާ ކަމަށް ދައްކައެވެ. އިނގިރޭސި ވިލާތުގައި 2017 ވަނަ އަހަރު ކިޔަވައިދިން ކޯސްތަކުގެ 8 އިންސައްތައަކީ އޮންލައިން ކޯސްތަކެވެ. އެގައުމުގައި 2011 ވަނަ އަހަރު މަތީތައުލީމުދޭ 102 މަރުކަޒެއްގައި އޮންލައިން ކޯސްތައް ކިޔަވައިދިންއިރު، 2017 ވަނަ އަހަރު މި އަދަދު ވަނީ 117 އަށް އިތުރުވެފައެވެ. އެމެރިކާގައި ކޮންމެ ދުވަހަކު ކިލާހަށްގޮސް ކިޔަވާ (އޮން-ކެމްޕަސް) ދަރިވަރުންގެ އަދަދު، 2012 އާއި 2016 އާ ދެމެދު 6 އިންސައްތަ ދަށްވެފައި ވެއެވެ. ނަމަވެސް ދުރުންދޭ ތައުލީމުގެ ނިޒާމުން ކިޔަވާ ދަރިވަރުން ވޭތުވެދިޔަ 14 އަހަރުވެސް ވަނީ ފާހަގަ ކުރެވޭ މިންވަރަށް އިތުރުވެފައެވެ. އެމެރިކާގައި މަތީ ތައުލީމުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން 30 އިންސައްތަ ދަރިވަރުން، ކޯހުގެ މުއްދަތުގެ ތެރޭގައި މިނިޒާމުގެ ތެރެއިން މަދުވެގެން އެއް މާއްދާ ކިޔަވާކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މިއަދަދުތައް ބުނެދެނީ ކޮންވާހަކައެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު ކިލާހުގައި މުދައްރިސާ ބައްދަލުނުވެ ކިޔެވުމަކީ ދޯހަޅި އަދި ޖީލުތައް ހަލާކުވާ ކަމެއްނަމަ، މި ބުނެވުނު ގައުމުތަކުގައި މިކަން އެގޮތަށް ކުރާނެހެއްޔެވެ؟ ނުވަތަ ކުރިޔަދޭނެ ހެއްޔެވެ؟
ދެން އޮތީ ރާއްޖޭގެ ހާލަތެވެ. ރާއްޖެއަކީ ކުދި ޖަޒީރާ ގައުމެކެވެ. ފުން ކަނޑުތަކަކުން ވަކިވަކި ކުރެވިފައިވާ 185 ވަރަކަށް ރަށުގައި މީހުން ދިރިއުޅެއެވެ. ގިނަރަށްރަށުގައި ދިރިއުޅޭ އާބާދީ ދެ ހާހަށް ވުރެ މަދެވެ. މަދު އަތޮޅެއްގައި ބައެއް ވަސީލަތްތައް ގާއިމުކުރެވިފައި ވިޔަސް ކިޔަވަން ބޭނުންވާ ކޯސް، އެކި ސަބަބުތަކާހެދި އަމިއްލަ ރަށުގައި ނުވަތަ އަތޮޅު ކެމްޕަހުގައި ނުހިންގައެވެ. އަދި ކީއްހެއްޔެވެ؟ މަތީތައުލީމުގެ މައިގަނޑު ގިނަ ހަރަކާތްތައް ހިންގެނީ ވެރިރަށް މާލޭގައެވެ. މި ސަބަބުތަކާހެދި ރަށުގައި ދިރިއުޅޭ މީހަކަށް މަތީތައުލީމަށް ދެވެން އޮތް ހަމައެކަނި މަގަކީ މާލެއަށް ދިރިއުޅުން ބަދަލުކުރުން ކަމުގައިވާ ހާލަތްތައް ނުހަނު ގިނައެވެ. އާއިލާ އާއި އަމިއްލަ ގެދޮރާއި ރަށުގައި އަދާކުރި ވަޒީފާވެސް ދޫކޮށްފައެވެ.
ވަޒީފާ އަދާކުރަމުން ކިޔަވަން ބޭނުންވާ ދަރިވަރުންގެ އަދަދު އިތުރުވަނީ ހަމައެކަނި ރާއްޖެއަކު ނޫނެވެ. އިނގިރޭސި ވިލާތުގައި 2017 ވަނަ އަހަރު މަތީ ތައުލީމަށް ރަޖިސްޓަރީ ކުރި ދަރިވަރުންގެ 22 އިންސައްތަ އަކީ ޕާޓްޓައިމްކޮށް ކިޔަވަން ރަޖިސްޓަރީ ކުރި ދަރިވަރުންނެވެ. އޮސްޓްރޭލިޔާގައި އަންޑަރގުރެޖުއޭޓު ދަރިވަރުންގެ ގާތްގަނޑަކަށް 25 އިންސައްތަ، އަދި ޕޯސްޓުގުރެޖުއޭޓް ދަރިވަރުންގެ ގާތްގަނޑަކަށް 60 އިންސައްތަ ކިޔަވަން ބޭނުންވަނީ މިގޮތަށްކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މީގެ މާނައަކީ މިދަރިވަރުން ކިޔަވަމުން، އާމްދަނީ ލިބޭނެ ކޮންމެވެސް ވަޒީފާއެއް އަދާކުރުމެވެ. ރާއްޖޭގައިވެސް މިހާރު މަތީތައުލީމު ހާސިލުކުރާ ދަރިވަރުންގެ މަދުނޫން ނިސްބަތެއް ވަޒީފާއެއްގައި އުޅެމުން ކިޔަވާކަމަށް ބެލެވެއެވެ. މީގެއިތުރުން ވަޒީފާ އަދާކުރަމުން ކިޔެވުމުގެ ޒަރޫރަތް، ދިވެހިންނަށް ބޮޑުވާ އެހެން ސަބަބެއްވެސް ވެއެވެ. އަޅުގަނޑުމެންގެ ކުދި ރަށްރަށުގައި މަދަނީ ޚިދުމަތް ދިނުމަށް ތިބެނީ ވަރަށްމަދު ފަންނީ ބައެކެވެ. ރަށުން ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅުކުރެވޭނީ އެމީހުންގެ އިލްމާއި ހުނަރު މަތިކޮށްގެންނެވެ. ނަމަވެސް މަތީތައުލީމަށްޓަކައި 2 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތަކަށް މިއެންމެން މާލޭގައި ބައިތިއްބައިގެން ރަށުން ޚިދުމަތް ފޯރުކޮށްދެވިދާނެ ހެއްޔެވެ؟ ވަގުތީގޮތުން ވިޔަސް އެތަން ފޫބައްދާނެ މީހުން ހޯދުން ފަސޭހަ ވެދާނެ ހެއްޔެވެ؟ މިހާލަތުގައި ވަޒީފާގައި ބައިތިއްބައިގެން ކިޔެވޭނެގޮތެއް ހޯދައިދިނުމަކީ އެންމެ ރަނގަޅު ހައްލަށް ނުވެދާނެ ހެއްޔެވެ؟ ނަމަވެސް ރަށުގައި މިއެންމެންނަށް ކޮންމެ ދުވަހަކު ކިލާހަށް ހާޒިރުވާގޮތަށް ކިޔަވައިދެވޭނެ ގާބިލުކަން ހުރީ ރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ ކޮން މަރުކަޒެއްގައި ހެެއްޔެވެ؟
މުވާސަލާތުކުރުމާއި މައުލޫމާތު ހޯދުމަށް ބޭނުންކުރާ ޓެކުނޮލޮޖީގެ ދާއިރާއިން ފާހަގަކުރެވޭ ކުރިއެރުންތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ ހޯދައިފިއެވެ. ހުރިހާ ރަށަކަށް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދެވޭ ކަމަށް އިއުލާނު ކުރެވިއްޖެއެވެ. އަދި އިންޓަރނެޓުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމަށް އުންމީދީ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ. ވުމާއެކު ކުރިން ބުނެވުނު ސަބަބުތަކަށް ރިއާޔަތްކޮށް، ކޮންމެ ދުވަހަކު ކިލާހަށް ނައިސް ކިޔެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަކީ ކުރެވިދާނޭ ކަމެކެވެ. ކުރަން ޖެހޭ ކަމެކެވެ. ދަސްވެނިންގެ ފެންވަރު ދަށްވާނަމަ، އޭގެ ހަގީގީ ސަބަބަކީ “ފްލެސިބްލް” ކިޔެވުމެއް ނޫނެވެ. ކުށްވެރި ކުރަންވީ ކިޔަވައިދެވޭ މޯޑެއް ނޫނެވެ. ރަނގަޅު ކުރަންވީ އެމޯޑު ބޭނުންކޮށްގެން ކިޔަވައިދެވޭ ގޮތެވެ. ކަންކުރެވޭ ގޮތެވެ. (ނޯޓް: މިލިޔުން ވަނީ 21 ސެޕްޓެމްބަރު 2019 ގައި، ސަންއެމްވީ ގައި ޝާއިއުކުރެވިފައެވެ.)