ތަސްވީރު އުފެއްދީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން

އޮސްޓްރޭލިޔާގައި އަހަރެން އުޅުނު ސްޓޫޑަންޓް އެކޮމަޑޭޝަނެކެވެ. އެއިމާރާތުގައި ފަހަތުގައި 3 ނުވަތަ 4 ހަނި މަގު/ގޯޅި އޮވެއެވެ. މިމަގުތަކަކީ ހަނި ނަމަވެސް، އެއްވެސް މިންވަރަކަށް ޓްރެފިކް ތޮއްޖެހޭ މަގުތަކެއް ނޫނެވެ. ނަމަވެސް އިމާރާތް ހުރި ސަރަހައްދުގެ ގޮތުން ހަފްތާ ބަންދު ފިޔަވައި އެހެން ދުވަސްތަކުގައި މިމަގުތަކުގައި ދުވާލުގަޑީގައި ޕާކުރެވެނީ 2 ގަޑިއިރަށެވެ. ކޮންމެއަކަސް، ހަފްތާ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި، ގެއާ ކައިރީގައި، މިއިން މަގެއްގައި އަހަރެންގެ ކާރު ޕާކުކޮށްފީމެވެ. މާބޮޑު ކަމެކޭ ހީކުރުމެއްނެތިއެވެ. ނަމަވެސް މެންދުރެއްހައިއިރު ބޭރަށް ނިކުތްއިރު ކަމަކު ދާކަށްނެތެވެ. ކާރުގައި ސްޓިކާއެއް ހުއްޓެވެ. ކަނޑައެޅިފައިވާ ވަގުތަށްވުރެ ގިނަ ވަގުތު އެމަގުގައި ޕާކު ކުރީތީވެ ޖުރިމާނާ ކޮށްފައެވެ. 120 ވަރަކަށް ޑޮލަރުންނެވެ.

މިބުނެވުނީ އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ގަވާއިދާ ޚިލާފުވުމުން އޮސްޓްރޭލިޔާގައި ލިބޭ އަދަބުގެ ތެރެއިން ވަރަށް ކުޑަމިންވަރެކެވެ. ބޮޑެތި އަދަދުތަކުން ޖުރިމާނާ ކުރުން، އުޅަނދު ޓޯކުރުން، ލައިސަންސް ހިފެހެއްޓުން، ލައިސަންސް ކެންސަލްކުރުން، އަދި ޖަލަށްލުން ފަދަ އަދަބުތަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައިގެން ތަންފީޒު ކުރެވޭ އަދަބުތެކެވެ. ގަވާއިދާ ޚިލާފަށް ޕާކުކުރީތީވެ އަހަރެންނަށް ލިބުނު އަދަބަކީވެސް މާބޮޑު އާމްދަނީއެއް ނުލިބޭ، ޔުނިވަރސިޓީ ދަރިވަރަކަށް ބަލާނަމަ ބޮޑު އަދަބެކެވެ.

ދެންއޮތީ އަދަބު ތަންފީޒު ކުރުމެވެ. ލިބުނު އަދަބު އިންސާފު ނޫންކަމަށް ގަބޫލު ކުރެވޭނަމަ 4 ހަފްތާ ތެރޭގައި ގާޒީއެއްގެ ކުރިމަތީގައި އެކަން ސާބިތުކޮށް ދިނުމަކީ އަދަބު ލިބުނުމީހާގެ ކަމަކެވެ. ނޫންނަމަ ޖުރިމާނާ ދައްކަންވީއެވެ. ކަނޑައެޅޭ މުއްދަތުގެ ތެރޭގައި މިފައިސާ ދައުލަތަށް ނުދައްކައިފިނަމަ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ގަދަކަމުން އެފައިސާ ހޯދުމުގެ މަސައްކަތް ފެށެއެވެ. މިހާލަތަށް ހިނގައްޖެ ނަމަ، ޖުރިމާނާއަށް ދައްކަންޖެހޭ މިންވަރު އެތައް ތަނެއް އިތުރުވެއެވެ. ކަންމިހެން ހުރުމާއެކު އަހަރެންގެ ޖުރިމާނާ ކަނޑައެޅުނު މުއްދަތުގައި ހަމަޔަށް ދެއްކީމެވެ. ގަތް ބިރުންނެވެ.

ކިޔަވަން އޮސްޓްރޭލިޔާ އަށް މިފަހަރު އައީއްސުރެ މިވޭތުވެ ދިޔަ މުދައްތުގައި މިގައުމުގައި ރިޔާސީ އިންތިޚާބު ދެފަހަރު ބާއްވައިފިއެވެ. ބޮޑު ދެޕާޓީން ވެރިކަންކޮށްފިއެވެ. ނަމަވެސް ރާއްޖޭގައި ވާހެން ޓްރެފިކް ޖުރިމާނާ މައާފުކުރުން، އިސްޓިކާޖެހުމާއި އުޅަނދު ޓޯކުކުރުން ހުއްޓާލުން ފަދަ ވަނދު ވައުދުތައް އަޑެއް ނާހަމެވެ. އޭގެ ބަދަލުގައި ހައްތާވެސް އިވެނީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، “ލޯ އެންޑް އޯޑަރ” ހިފެހެއްޓުން ހަރުދަނާ ކުރުމަށް ބާރުއަޅާ ވާހަކައެވެ. އުސޫލުތައް ހަރުދަނާކޮށް ތަންފީޒުކުރާނެ ވާހަކައެވެ.

މިލިޔުން ކިޔާ މީހަކު ހިތަށް އަރާފާނެއެވެ. ކުޑަކުޑަ ރާއްޖެ އާއި އޮސްޓްރޭލިޔާ ފަދަ ތަރައްގީ ވެފައިވާ ބޮޑު ގައުމަކާ އަޅާ ނުކިޔޭނެއެވެ. އުޅަނދުފަހަރު ޕާކު ކުރާނެ ޖާގަ ނުދައްކައި އަދަބު ދިނުމަކީ އިންސާފެއްވެސް ނޫނެވެ. ޝައްކެއްވެސް ނެތެވެ. މާލޭގެ މަގުތައް ހަންޏެވެ. އުޅަނދުފަހަރުގެ އަދަދު އިންތިހާއަށް ގިނައެވެ. އަމުދުން އުޅަނދުފަހަރު ޕާކުކުރާނެ ތަނަވަސް ޖާގަތަކެއް ހެދިފައެއް ނެތެވެ. ނަމަވެސް ކަން ހިނގާމަގަށް ބަލާއިރު ހަގީގީ މައްސަލަކީ މުޅިއަކުން އުޅަނދު ފަހަރު ގިނަވުމާއި ޖާގައިގެ ދަތިކަމާ ގުޅިފައިވާ ކަމެކޭބުނެ ނިންމައިލެވޭކަށް ނެތެވެ. އޭގެ ބަދަލުގައި މިކަން ގުޅިފައިވަނީ އާއްމު އަޚުލާގާއެވެ. ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމާއެވެ. ސިޔާސީ މީހުންގެ އަމިއްލަ ފައިދާއާއެވެ. އެމީހުންގެ އިޚުލާސްތެރިކަމާއެވެ.

ނިކަން ވިސްނަބަލާށެވެ. ކޮންމެ މީހަކުވެސް އެމީހަކު ދުއްވާ ސައިކަލު ނުވަތަ ކާރު ޕާކުކުރަން ބޭނުންވަނީ ދާންބޭނުންވާ އިމާރާތުގެ ދޮރުމަތީގައެވެ. ހިނގާފައި ފަސްވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ޕާކުކުރާނެ ޖާގަ ހަދާފައި، ރޮނގުދަމާފައި ފާހަގަ ޖަހާފައި ވިޔަސް، އެހިސާބަށް ހިނގުމަކީ ނުހަނު ބުރަ މަސައްކަތެއް ކަހަލައެވެ. ވީމާ ޕާކުކުރާކަށް މީހެއްގެ ގެޔަކަށް، ފިހާރަޔަކަށް، ގަރާޖަކަށް ވަންނަ ދޮރަކަށް ބެލުމެއް ނެތެވެ. ކާރު ޕާކުކުރަން ޚާއްސަކޮށްފައިވާ ތަންތަނުގައި ސައިކަލުވެސް ޕާކުކުރަންވީއެވެ. ސައިކަލަށް ޚާއްސަ ޖާގައިގައި މުދާ އުފުލާ އުޅަނދުފަހަރު ޕާކުކުރަންވީއެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، ޓެކްސީއަށް ޚާއްސަކުރެވިފައިވާ ތަންތަނުގައިވެސް ހިތުހުރި ގޮތަކަށް ބޭނުން މީހަކު، ބޭނުން އިރަކު ޕާކުކުރަންވީއެވެ. ހިނގާމީހުން މަގުހުރަސްކުރަން ހަދާފައިވާ ތަނަކަށް ބެލުމެއް ނެތެވެ. އެއްފަޅީގައި ޕާކުކުރަން ހަދާފައިވާ މަގުތަކުގައި ދެފަޅިގައްޔާއި މަގުގެ ކަންމަތީގައިވެސް ޕާކުކުރަންވީއެވެ. ނުވިތާކަށް މިފަދަ އުޅަނދެއްގައި އިސްޓިކާއެއް ޖަހައި ޖުރިމާނާ ކޮށްފިނަމަ ކުށްވެރިވާނީ ޖުރިމާނާ ކުރި މީހާއެވެ. އަދި ޖުރިމާނާ ދެއްކުން އޮންނާނީ ބޭނުން މީހަކު، ބޭނުންވީމާ އޮންނަ އިޚްތިޔާރީ ކަމެއް ފަދައިންނެވެ. ޖުރިމާނާ ނުދައްކާ މީހުން އަމުދުން ކަންބޮޑުވާނޭ ކަމެއް ނެތެވެ. ޖެހިގެން އަންނަ ރިޔާސީ އިންތިޚާބުގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ހިމެނިގެން، ހުރިހާ ޓްރެފިކް ޖުރިމާނާތައް މައާފު ކުރެވޭނެއެވެ. ޕާކުކުރާނެ ޖާގަ ނުދައްކައި ޖުރިމާނާ ކުރުމަކީ އިންސާފަކަށް ނުވާތީއެވެ. ނަމަވެސް ހަމަ އެމުއްދަތު ތެރޭގައި ޖުރިމާނާ ފައިސާ ދެއްކި މީހުންނާއި، ހަމަ އެއްކުށެއްގެ ސަބަބުން އެރި ޖުރިމާނާ ނުދައްކައި ހިފަހައްޓައިގެން ތިބި މީހުން ހަމަހަމަކުރުން އިންސާފުވެރިކަމަށް ބެލުނީއެވެ. މިބުނެވުނީ މައްސަލައާ ގުޅިފައިވާ ކަންކަމުގެ ބައެކެވެ. ލިޔުން ދިގުވާތީ ކުރުކޮށްލީއެވެ.

ޝައްކެއް ނެތެވެ. ކަމަކީ ހައްލުކުރަން ނުހަނު ދަތި، ބޮޑު ކަމެކެވެ. ނަމަވެސް ގަވާއިދު މުގުރާ މީހުންނަށް ފިޔަވަޅު ނޭޅުމަކީ ހައްލެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެއީ އިޖްތިމާއީ އަދާލަތު މުގުރާލުމަށް ހިއްވަރުލިބިދާނޭ ކަމަކެވެ. ވުމާއެކު ހެދިފައިވާ ގާނޫނާއި ގަވާއިދު ފުރިހަމައަށް ތަންފީޒުކުރަން ޖެހެއެވެ. ގާނޫނާއި ގަވާއިދު ތަންފީޒު ވާކަން އާއްމު މީހާއަށް ފެނި، އިހުސާސް ވާންޖެހެވެ. ކަމާގުޅުންހުރި ހަރުދަނާ ހޭލުންތެރިކަމުގެ ޕްރޮގުރާމްތައް މެދުނުކެނޑި ހިންގަން ޖެހެއެވެ. މަދަރުސީ ތައުލީމުގެ މަންހަޖަށް، ޚާއްސަކޮށް ފަށާތައުލީމުގެ ބައިގައި ކަމާގުޅުންހުރި ބައިތައް ސާފުކޮށް ހިމެނެން ޖެހެއެވެ. އަދި ވަކިން ޚާއްސަކޮށް ސިޔާސީ މީހުން، ވެރިކަމުގެ ދަހިވެތިކަމަށްވުރެ އާއްމު ސަލާމަތާއި އިޖްތިމާއީ އަދާލަތު އިސްކުރަން ޖެހެއެވެ. އަދި މިނޫނަސް ކިތަންމެ ކަމެކެވެ. ބޭނުންވަނީ މީހުންގެ ވިސްނުމާއި އުޅުމަށް ބަދަލު ގެނެވޭނެ ފަދަ ހައްލެކެވެ. ނޫންނަމަ އާއްމު މީހާގެ ވިސްނުމާއި އަމަލު ހުންނާނީ އަހަރެންގެ ރަހުމަތްތެރިޔާ ފަދައިންނެވެ. އޭނާ ގާތުގައި މިކަމާގުޅިގެން އަހަރެންގެ ބައެއް ޚިޔާލު ފާޅުކުރުމުން، މަލާމާތުގެ ރާގެއްގައި ބުންޏެވެ. “ކަލޯއެވެ. މިއީ ދިވެހި ރާއްޖެއެވެ. އޮސްޓްރޭލިޔާއެއް ނޫނެވެ. ސިޑްނީގައި އުޅެން ދާށެވެ.” އެހާ ހިސާބުން އަހަރެންގެ ވާހަކަ ނިންމައިލީމެވެ. އިތުރަށް އެއްޗެކޭ ބުނުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟