ކެސްޕިއަން ކަނޑާއި ކަޅުކަނޑުގެ ސަރަހައްދުތަކުން އާއްމުކޮށް ފެންނަ ރިނދައިގެ ބާވަތެއް ކަމުގައިވާ ޒީބްރާ މަސުލް، 1988 ވަނަ އަހަރުގެ މެދުތެރޭގައި ކެނެޑާގެ ބައެއް ކޯރުތަކާއި ބޮޑެތި ފެންގަނޑު(ލޭކް) ތަކުން ފެންނަ ފެށިއެވެ. އަދި މަދު އަހަރުތަކެއްގެ ތެރޭގައި މިރިނދަ، ކެނެޑާގެއިތުރުން އެމެރިކާގެ އިރުމަތީ ސަރަހައްދުގެ ބޮޑު ބަޔަކަށް ފެތުރި އަތްގަދަ ކުރިއެވެ. މިކަންވީ ދުނިޔޭގެ ތިމާވެށީގެ މައްސަލަތައް ދިރާސާކުރާ އިލްމުވެރިންގެ ސަމާލުކަން ބޮޑުވި ކަމަކަށެވެ. އެހެނީ މީގެ ސަބަބުން އެސަރަހައްދުގެ ބައެއް މަސްމަހާމެއްސާއި ފެނުގެ އެތައް ދިރުމެއް ނެތިގޮސް، ކުރިން އެސަރަހައްދުން ނުފެންނަ ބައެއް ދިރޭ ބާވަތްތައް އާލާވެ، މުޅި މާހައުލީނިޒާމަށް (އީކޯ ސިސްޓަމަށް) ބޮޑެތި ބަދަލުތަކެއް އައެވެ. މިކަމާ ގުޅިގެން ހެދިފައިވާ ދިރާސާތައް ބުނާގޮތުން މި ރިނދައިގެ އާބާދީ އެހާފަސޭހައިން އާލާވެ އިތުރުވީ ޠަބީއީގޮތުން އޭގައި އެކުލެވިގެންވާ ސިފަތަކަކާއި، އާލާވި މާހައުލު ފަހިކޮށްދިން ގިނަ ސަބަބުތަކެއް އެކުވުމުގެ ސަބަބުންނެވެ.

އިސްވެ ބުނެވުނު ހާދިސާއާ ބެހޭގޮތުން ބަހުސުކޮށް ވާހަކަދެއްކީ ހަމައެކަނި ތިމާވެށީގެ އިލްމުވެރިންނެއް ނޫނެވެ. ތައުލީމީ ދާއިރާގައި، ޚާއްސަކޮށް އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމާމެދު ދިރާސާކުރާ ބައެއް މީހުންގެ ނަޒަރުވެސް މިކަމަށް ހުއްޓުނެވެ. މިގޮތުން އުނގަންނައިދެވޭ މާހައުލަކީ ޒީބްރާ މަސުލް އާލާވި ކޯރުތަކާއި ފެންގަނޑުތައް ފަދަ ޚާއްސަ މާހައުލީ ނިޒާމެއް ކަމުގައި ސިފަކޮށް، ޓެކުނޮލޮޖީގެ ވަސީލަތްތަކަކީ މި މާހައުލުގެ ބޭރުން ގެނެވި، ތައާރުފުކުރެވި، ފަތުރަން މަސައްކަތްކުރެވޭ އެއްޗެއްގެ ގޮތުގައި ސިފަކުރެވުނެވެ. އަދި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން އުނގަންނައިދޭ މަރުކަޒުތަކުގައި ވައިގައިހިފާ ސަބަބުތަކުގެ މައްޗަށް ގިނަ ވާހަކަތަކެއް ދެކެވުނެވެ. ޚާއްސަކޮށް މުވާސަލާތުކުރުމާއި މައުލޫމާތު ހޯދައި ލިބިގަތުމަށް ބޭނުންކުރާ ވަސީލަތްތަކަށް އައި ބޮޑު އިންގިލާބީ ކުރިއެރުންތަކާއެކު، މިކަމުގެ މައްޗަށް ދެކެވިފައިވާ އަދި ދެކެވެމުންދާ ވާހަކަތައް އިތުރެވެ.

ކިޔަވައިދިނުމަށް އަލަށް ތައާރުފުކުރެވޭ އީޖާދީ އުފެއްދުންތަކާއި ގޮތްތައް މަގުބޫލުވެ ވައިގައި ހިފާ ސަބަބުތަކެއް ހުރެއެވެ. އެއްކަމަކީ ބޭނުންކުރާ މީހާއަށް އެއުފެއްދުމެއްގެ ބޭނުންތެރިކަން ބޮޑުކަމަށް ގަބޫލުކުރެވޭ މިންވަރެވެ. ނުވަތަ އެ އުފެއްދުމެއް ބޭނުންކުރުމުން ތިމާ ކުރަންއުޅޭ ކަމެއް ކުރުމަށް ފަސޭހަވެ، އެއިން މަންފާތަކެއް ލިބޭނެކަމަށް ގަބޫލުކުރެވޭ މިންވަރެވެ. މިސާލަކަށް، ކިޔަވައިދިނުމުގައި ވަކި ވަސީލަތެއް ނުވަތަ ގޮތެއް ބޭނުންކުރާނަމަ، އެގޮތެއް ބޭނުންކުރުމުން މުދައްރިސަށާއި ދަރިވަރުންނަށް އިތުރު މަންފާތަކެއް ނުވަތަ ފަސޭހަތަކެއް ލިބޭނޭކަމަށް ގަބޫލުކުރެވޭ މިންވަރެވެ. ދެވަނަ ކަމަކީ ތައާރުފު ކުރެވޭ އީޖާދީ އުފެއްދުމަކީ އޭގެޒާތުގައި ބޭނުންކުރަން ފަސޭހަ، ތަކުލީފު ކުޑަ އެއްޗެއްކަމަށް ގަބޫލުކުރެވޭ މިންވަރެވެ. މިސާލަކަށް، ކިޔަވައިދިނުމުގައި ޓެބުލެޓެއް ބޭނުންކުރާނަމަ ޓެބުލެޓު އޮޕަރޭޓުކޮށް ބޭނުންކުރުމަށް އޭގެ ޒާތުގައި ކުރަންޖެހޭ މަސައްކަތުގެ އިތުރުން ޓެބުލެޓު މެދުވެރިކޮށް ފިލާވަޅު ފޯރުކޮށްދިނުމަށް ފަސޭހަކަމަށް މުދައްރިސަށާއި ދަރިވަރަށް ގަބޫލުކުރެވުމެވެ. މިބުނެވުނު ދެކަމުގައިވެސް އަޅާބަލާނީ ކުރިން ކަންކުރަމުން އައިގޮތް، ނުވަތަ ބޭނުންކުރަމުން އައި އެއްޗަކާ، ފަހުން ތައާރުފުކުރެވޭ އެއްޗަކާ ހުރި ފަރަގެވެ. ފައިދާ ބޮޑުވެފައި ބޭނުންކުރަން ފަސޭހައީ ކޮންގޮތެއް ނުވަތަ ކޮން އެއްޗެއްގައި ކަމެވެ.

އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމާ ބެހޭ މާހިރުން ދެކޭގޮތުގައި އިސްވެ ބުނެވުނު ދެކަމަކީ ޓެކުނޮލޮޖީގެ ވަސީލަތެއް ބޭނުންކުރާ މީހާއަށް އެވަސީލަތެއް ކަމުދިޔުމާ ސީދާ ގުޅުންހުރި މުހިއްމު ދެކަމެކެވެ. އެއީ ދަރިވަރު ނުވަތަ މުދައްރިސް ކަމުގައި ވިޔަސްވެހެވެ. މިހެންވުމުން އައު އުފެއްދުމެއް ނުވަތަ ކިޔަވައިދިނުމަށް އައު ގޮތެއް ތައާރުފު ކުރުމުގައި އެމާހައުލެއްގެ ހާލަތަށް ރިއާޔަތްކޮށް މިބުނެވުނު ދެކަމުގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ދޭންޖެހެއެވެ. އެހެން ނޫންނަމަ، އެ އުފެއްދުމެއް ނުވަތަ ކިޔަވައިދެވޭގޮތް ދާދި އަވަހަށް ފޭލިވުން އެކަށީގެންވެއެވެ.

އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަން ގަސްތުކުރާނަމަ އެކަމަށް މުދައްރިސުން އަހުލުވެރިކުރުމަކީ އެންމެ އިސްކަން ދޭންޖެހޭ ކަންކަމުގެ ތެރެއިން ކަމެކެވެ. ޚާއްސަގޮތެއްގައި މުދައްރިސުން ތަމްރީނުކުރުމުގެ އޮނިގަނޑުގެ ތެރެއަށް މީގެ ބައެއް ވަންނަން ޖެހެއެވެ. އެހެނީ ޓެކުނޮލޮޖީގެ ވަސީލަތްތަކަށް މުދައްރިސް އަހުލުވެރިވެފައިވާ މިންވަރާއި، ކިޔަވަދިނުމުގައި އެފަދަ ވަސީލަތްތައް ބޭނުންކުރުމާމެދު އޭނާ ދެކޭގޮތާ ގާތްގުޅުމެއް ހުރެއެވެ. އެހެންގޮތަކަށް ބުނާނަމަ ޓެކުނޮލޮޖީގެ ވަސީލަތެއް ބޭނުންކުރުމުގެ ގާބިލުކަމާއި ކުޅަދާނަކަން ލިބިފައިވާކަމަށް މުދައްރިސަށް ގަބޫލުކުރެވޭ މިންވަރަކީ، އޭނާ އެވަސީލަތެއް ބޭނުންކުރުމަށް އަސަރުކުރާ ކަމެކެވެ. ރަނގަޅު ތަމްރީނެއް ދެވިއްޖެ ނަމަ، ހުނަރާއި ގާބިލުކަން ލިބިފައިވާކަމަށް މުދައްރިސަށް ބޮޑަށް ގަބޫލުކުރެވޭނެއެވެ. މިކަން ގަބޫލުކުރެވޭނަމަ އެވަސީލަތެއްގެ ބޭނުންތެރިކަން ބޮޑުކަމަށް އޭނާ ދެކޭނެއެވެ. ބޭނުންތެރިކަން ބޮޑުކަމަށް ދެކޭނަމަ ކިޔަވައިދިނުމުގައި އެވަސީލަތެއް ބޭނުންކުރާނެއެވެ. ނުވަތަ ބޭނުންކުރާލެއް އިތުރުވާނެއެވެ.

މިބުނެވުނު މަންޒަރުގެ ތެރެއަށް މުދައްރިސް ވަންނަނީ ސަބަބުތަކެއް ހުރީމައެވެ. އެހެނީ މުދައްރިސަކީ މަންޖަހުގައި ކަނޑައެޅިފައިވާ މަގުސަދުތައް ހާސިލުވާނޭ ގޮތެއްގައި އުނގަންނައި ދިނުމުގެ ކަންކަން ފަރުމާކޮށް ތަންފީޒުކުރުމުގެ މޭސްތިރިޔާއެވެ. އުނގަންނައިދިނުމަށް ކަނޑައެޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ އިސް މަސައްކަތްކުރާ ފަރާތެވެ. މިހެންވުމުން ވަކި އާލާތެއް ބޭނުންކޮށްގެން ވަކިގޮތަކަށް ކިޔަވައިދޭން ކަނޑައެޅި ނަމަވެސް، އެ އާލާތަކަށް ނުވަތަ އެގޮތަކަށް މުދައްރިސް އަހުލުވެރި ނުވާނަމަ ކަނޑައެޅޭ ސިޔާސަތު ކާމިޔާބު ނުވެދާނެއެވެ. ވުމާއެކު، މިލިޔުމުގެ ފެށުމުގައި ބަޔާންކޮށްފައިވާ މާހައުލީ ނިޒާމުގައި މެދުވެރިވި ފަދައިން، އުނގަންނައިދެވޭ މާހައުލުގެ ބޭރުން އައިސް ތައާރުފުވާ އުފެއްދުމުގެ ސިފަތަކާއި އެ އުފެއްދުމެއް ތައާރުފުވެވޭ މާހައުލުގެ ސިފަތަކާ ގުޅުވަންޖެހެއެވެ. ނުވަތަ ގުޅި ލާމެހޭގޮތަށް ކަންކަން އިންތިޒާމު ކުރަންޖެހެވެ. އަލަށް ތައާރުފުކުރެވޭ އުފެއްދުން ނުވަތަ ގޮތް ވައިގައި ހިއްޕަން ބޭނުން ނަމައެވެ. (ނޯޓް: މިލިޔުންވަނީ 15 ސެޕްޓެމްބަރު 2019 ގައި ސަން.އެމް.ވީގައި ޝާއިއުކުރެވިފައެވެ.)