‘ގަދީމީ ގުރީކު މީހަކަށް މިޒަމާނުގެ ދަތުރުފަތުރާއި މުވާސަލާތުކުރުމުގެ އިތުރުން އުމްރާނީގޮތުން އައިސްފައިވާ ކުރިއެރުން ފެނުނުހިނދު އަޖައިބުވެ އާސޯޚުވެއްޖެއެވެ. ނަމަވެސް ކިޔަވައިދޭ ކިލާހަކަށް އޭނާއަށް ވަދެވުމުން ހަމަޖެހުމުގެ ފުންނޭވާއެއް ލުމަށްފަހު ބުނާނެތެވެ. މިވަދެވުނީ ގެއަށެވެ!’

މަތީގައި ބަޔާންކުރެވިފައިވަނީ އުނގެނުމާއި އުނގަންނައިދިނުމަށް އަންނަ ބަދަލުގެ ލަސްކަން ބަޔާންކުރުމަށް ކިޔައިއުޅޭ ޖޯކެކެވެ. އެހެނީ، ފަތުއަޑުކިޔާފައި އެކި ސިނާއަތްތައް ކުރިއެރިޔަސް، އުނގަންނައިދިނުމުގެ ގޮތްތަކާއި ވައްޓަފާޅިއަށް ބަދަލުވަނީ ލަސްދުވެއްޔެއްގައޭ ބުނުމަކީ މުޅިން ދޮގަކަށް ނުވާނެއެވެ. ރާއްޖެ ފަދަ ބައެއް ގައުމުތަކުގެ އިސްކޫލުތަކާއި އުނގަންނައިދޭ މަރުކަޒުތަކަށް ގާތުން ބަލައިލުމުން މިކަމަށް ބާރުލިބޭ ހެކިތައް ފެންނާނެއެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މިފަދަ ބައެއް ކަންކަން ތަޖުރިބާ ކުރެވުނެވެ.

އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ނުވަތަ ތައުލީމީ ނިޒާމަށް ބަދަލު ގެންނަން ދަތިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި އުނގަންނައިދޭ ކޮންމެ މަރުކަޒަކީ ވަކި ޚާއްސަ ސިފަތަކެއް ލިބިގެންވާ މާހައުލީ ނިޒާމެކެވެ. އީކޯ ސިސްޓަމެކެވެ. މަދުރަސީ ތައުލީމާއި މަތީ ތައުލީމު ދިނުމުގައިވެސް މެއެވެ. މީގެމާނަ އަކީ ކޮންމެ މަދުރަސާއަކީ، ކޮންމެ ޔުނިވަރސިޓީ އަކީ އެމާހައުލަށް ޚާއްސަ ގިނަ ކަންތައްތަކެއް ގުޅި ލާމެހިގެން ހިނގާ މާހައުލެކެވެ. މިމާހައުލުގައި ވަކިވަކި ކަންކަމަށް ގެންނަ ބަދަލުތަކުގެ އަސަރު އެހެން ކަންކަމަށް ފޯރާތީ، ބަދަލު ގެނައުން ހީކުރާފަދަ ފަސޭހަ ކަމަކަށް ނުވަނީއެވެ.

އިސްވެ ދެކެވުނު ވާހަކަތައް އިތުރަށް ފަހުމުވެގަތުމަށް މިސާލެއްގެ ގޮތުގައި މަސް ޓޭންކަކަށް ވިސްނައިލަމާ ހިނގާށެވެ. ރީތިކޮށް ފަރުމާ ކުރެވިފައިވާ، މަސްޓޭންކެއްގައި އެކި ކޮޅުކޮޅަށް ދުވެ ނަގާ މަސްތައް ފެނުމުން ހިތަށް ތަސައްލީއެއް ލިބެއެވެ. މި މަސްޓޭންކު ދުރުން ފެންނަ މީހާއަށް އެއީ ބިއްލޫރީ ޓޭންކަކަށް ފެންއަޅައި، ފެން ސާފުކުރާނެ ފިލްޓަރެއްލައި، ޓޭންކަށް މަސްއަޅާފައިވުންކަމަށް ސިފަކުރެވިދާނެއެވެ. އެހެނަސް ފުރިހަމަ، ރަނގަޅު މަސްޓޭންކެއް ހެދުމަށްޓަކައި ވިސްނުންތެރިކަމާއެކު އިތުރު ބައެއް ކަންކަމަށް ވިސްނަންޖެހެއެވެ. މިގޮތުން ޓޭންކަށް އަޅާ ފެނުގެ ކޮލިޓީ، އިޚްތިޔާރު ކުރާނެ މަހުގެ ބާވަތަކާއި މަހުގެ އަދަދު، މަހަށް އަޅާނެ ކާނާ އާއި ކާނާ އަޅާނެ މިންވަރު، ފެންސާފުކުރާ ފިލްޓަރު، އަދި ފެނުއަޑީގެ މާހައުލު ފަރުމާކުރުމާއި ރަނގަޅު ލައިޓިންގ ކަށަވަރުކުރުން ފަދަ ކަންކަން ހިމެނެއެވެ. ހަމައެއާއެކު ގަވާއިދުން މަސްޓޭންކު ސާފުކޮށް ބަލަހައްޓަންވެސް ޖެހެއެވެ. ހިނގަހިނގާ ހުންނަ މަސްޓޭންކަކަށް ބަލާމީހަކަށް ފުރިހަމަ ހިތްހަމަޖެހުމެއް ލިއްބައިދެނީ މިހުރިހާ ކަމެއް ގުޅިގެން ނިކުންނަ ނަތީޖާއިންނެވެ.

އުނގަންނައިދޭ މައުކަޒުތައް ފުރިހަމައަށް ހިންގުންވެސް އިސްވެ ބަޔާންކުރެވުނު ފަދައެވެ. އުނގެނުމާއި އުނގަންނައި ދިނުމުގެ ރަނގަޅު މާހައުލެއް ގާއިމުކުރެވި، ރަނގަޅު ނަތީޖާއެއް ނެރެވެނީ ފަރުވާތެރިކަމާއެކު ރޭވިގެން ހިންގޭ ގިނަ ކަންތައްތަކެއް ޝާމިލުވުމުންނެވެ. މިގޮތުން މަސްޓޭންކަށް މަސްލުމުގައި ޓޭންކުގެ މާހައުލުގެ ނިޒާމަށް ރިއާޔަތްކުރަން ޖެހޭފަދައިން އުނގެނުމާއި އުނގަންނައިދިނުމުގެ ނިޒާމަށް ބަދަލުގެނައުމުގައިވެސް ރިޔާޔަތްކުރަންޖެހޭ ގިނަކަންތައްތަކެއް ވެއެވެ. އުނގަންނައިދިނުމުގެ ގޮތްތަކަށް ގެންނަ ކޮންމެ ބަދަލެއް ގެނައުމުގެ ކުރިން، އެބަދަލެއް ގުޅިފައިވަނީ ކޮންކޮން ބަޔަކާ ކޮން މިންވަރަކަށްތޯ ބަލަންޖެހެއެވެ. އަދި އެބަދަލަކުން މުޅި ނިޒާމަށް ކުރާނީ ކޮން އަސަރެއް، ކޮން ގޮތަކަށްތޯ ވެސް ބަލަންޖެހެއެވެ. މިގޮތުން ދަރިވަރުން، މުދައްރިސުން، ބެލެނިވެރިން، ކިޔަވައިދޭ މަރުކަޒުގެ އިދާރީ މަސައްކަތްކުރާ މުވައްޒަފުންގެ ޝާމިލުވުމަށް ނުވަތަ ދައުރަށް އަންނާނީ ކޮން ބަދަލެއް، ކޮން މިވަރަކަށްތޯ ބަލަންޖެހެއެވެ. އަދި ވަކިން ޚާއްސަކޮށް އުންގަންނަދިނުމުގެ މަންޖަހުގެ މަގުސަދުތަކާއި ތަނުގެ ސަގާފަތާއި އާދަކާދާތަކާއި ގުޅިފައިވާ އަގުތަކަށް ކުރު އަދި ދިގުމުއްދަތެއްގެ ތެރޭގައި ކުރާނެ އަސަރުތަކާމެދު ފުންކޮށް ވިސްނަންޖެހެއެވެ. އެހެންނޫނަމަ، އެ ގެނެވޭ ބަދަލަކީ ހެޔޮ، އެދެވޭ ބަދަލަކަށް ނުވުމުގެ ފުރުސަތު ބޮޑުވެދާނެއެވެ. އަދި ދެމެހެއްޓެނިވި ބަދަލަކަށްވެސް ނުމެވެދާނެ މެއެވެ.

ތައުލީމީ ނިޒާމުގެ އެއް ހަރުފަތް އަނެއް ހަރުފަތާވެސް ވަނީ ގުޅިފައެވެ. ލާމެހިފައެވެ. އެހެނީ ޕްރައިމަރީ ގްރޭޑުތަކުގައި އުނގަންނައިދިނުމުގެ ގޮތްތަކާއި ފެންވަރު ސާނަވީ އަދި މަތީ ސާނަވީމަރުހަލާތަކާ ގުޅެއެވެ. ހަމައެހެންމެ ސާނަވީ ތައުލީމުގެ މަރުހަލާތަކުގައި އުނގެނޭ އުނގެނުން މަތީތައުލީމާ ގުޅެއެވެ. މިހެންވުމުން އުނގެނުމާއި އުންގަންނައިދިނުމުގެ ގޮތްތަކަށް ގެންނަ ބޮޑެތި ބަދަލުތައް ވާންވާނީ މިބުނެވުނު ހުރިހާ މަރުހަލާއަކަށްވެސް ހެޔޮ ބަދަލު އަންނަ ކަންކަމަށެވެ. އަދި މުޅި ނިޒާމުގައި ހިމެނޭ ހުރިހާ އެންމެންގެ މަޝްވަރާ އާއި ބައިވެރިވުން ލިބިގެން ގެނެވޭ ބަދަލުތަކަކަށެވެ. މިލިޔުމުގެ ފެށުމުގައި ބަޔާންކުރެވިފައިވާ ޖޯކުގައި ގަދީމީ ގުރީކުން މިޒަމާނަށް ދަތުރުކުރި ދެތުރުވެރިޔާއަށް އެހެން ދާއިރާތަކުން ފެނުނު ބޮޑެތި ބަދަލުތައް ކިލާހުގެ ތެރެއިން ނުފެނުނު އެއް ސަބަބަކީ ތައުލީމީ ނިޒާމުގައި ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތުގެ ބުރަބޮޑުކަމަށްވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމަށް ބަދަލުތައް ގެނައުމަށްޓަކައި ވޭތުވެދިޔަ އަހަރުތަކުގައި ބައެއް ކަންކަން ކުރެވިފައިވެއެވެ. ނުވަތަ ވާހަކަތަކެއް ދެކެވިފައި ވެއެވެ. މީގެތެރޭގައި މަދުރަސީ ތައުލީމު ދިނުމުގައި ޓެބްލެޓް ބޭނުންކުރުމާއި މަދުރާސާތަކުގައި ދަރިވަރުން ހެނދުނުގެ ނާސްތާކުރުމާއި ފަތިސް ނަމާދުން އިސްކޫލުގެ ދަންފަޅި ފެށުންފަދަ ކަންކަން ހިމެނެއެވެ. ހަމައެހެންމެ މަތީތައުލީމުދޭ ބައެއް މަރުކަޒުތަކުގައި އެކުވި އުނގެނުމުގެ ގޮތްތައް (ބްލެންޑެޑް ލަރނިންގ) ބޭނުންކޮށްގެން ކިޔަވައިދިނުންވެސް މިލިސްޓުގައި ހިމަނަން ބޭނުމެވެ. މިއިން ކޮންމެ ބަދަލެއް ގެނައުމުގައި ރިއާޔަތްކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުވޭ ހެއްޔެވެ؟ މިލިޔުމުގައި ބަޔާންކޮށްފައިވާ މަސްޓޭންކުގެ މިސާލާ އެއްގޮތް ކަމެއް ނެތްހެއްޔެވެ؟ މިފަދަ ބަދަލުތަކާ ގުޅޭ ޚަބަރުތައް ޝާއިއުކުރާ ނޫސްތަކަށް އާއްމުން ފޮނުވާ ކޮމެންޓުތަކުން މިގުޅުން އޮތްމިންވަރު ދޭހަ ނުވޭ ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބުތަކާމެދު ވިސްނުމަށް ކިޔުންތެރިންނަށް ދޫކޮށްލީއެވެ. (ނޯޓް: މިލިޔުންވަނީ މީގެ ކުރިން، 1 ޑިސެމްބަރު 2019 ގައި ސަން.އެމްވީ ގައި ޝާއިއު ކުރެވިފައެވެ.)