އުނގަންނައިދިނުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް “ޕޯޓްފޯލިޔޯ” މިއީ އައު ލަފުޒަކަށް ނުވާނެއެވެ. އާއްމު މާނައިގައި ޕޯޓްފޯލިޔޯ އަކީ އެއްކޮށް ޖަމާކުރެވިފައިވާ، މަސައްކަތްތަކެކެވެ. މީގެތެރޭގައި އެމީހެއްގެ ވިސްނުމާއި ފިކުރާއި ހުނަރުވެރިކަން ހާމަކޮށްދޭ އެކި ބާވަތުގެ ލިޔުން، ކުރެހުން، ފޮޓޯ، ވީޑިޔޯ ފަދަ ތަފާތު ބާވަތުގެ އެއްޗެހި ހިމެނެއެވެ. ކިޔަވައިދިނުމުގައި ދެވޭ ޕޯޓްފޯލިޔޯ އަކީ މާއްދާއަކާ ގުޅިގެން ވަކި މުއްދަތެއްގެ ތެރޭގައި ދަރިވަރު ކުރި މަސައްކަތް ނުވަތަ ހޯދި ކުރިއެރުންތައް އެއްތަނަކުން ފެންނާނެގޮތަށް ޖަމާކުރެވިފައިވާ ޖަމާކުރުމެވެ. ކިޔަވައިދިނުމުގެ އިތުރުން މިހާރުގެ ބައެއް މަސައްކަތުގެ މާހައުލުގައިވެސް މުވައްޒަފުން ލައްވައި ޕޯޓްފޯލިޔޯ ހައްދުވައެވެ.  

އީ-ޕޯޓްފޯލިޔޯ އަކީ އިލެކްޓުރޯނިކް ވަސީލަތެއް މެދުވެރިކޮށް، ނުވަތަ އޮންލައިން މަންސަ (ޕްލެޓްފޯމް) އެއްގައި ޕޯޓްފޯލިޔޯ ހެދުމެވެ. އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން އާއްމުވުމާއެކު، އީ.ޕޯޓްފޯލިޔޯ ވަނީ ކިލާސްތަކުގެ ތެރެއަށް ވަދެފައެވެ. މަތީތައުލީމުގެ އިތުރުން މަދުރަސީ ތައުލީމުގެ ހުރިހާ މަރުހަލާއެއްގައި ވެސް މެއެވެ. މިއާއެކު މިމައުޟޫއާ ގުޅޭގޮތުން އިލްމީ އެތައް ދިރާސާއަކާއި ބަހުސްތަކެއް ވަނީ ކުރެވިފައެވެ. އަދި ދަނީ ކުރެވެމުންނެވެ.

އުނގަންނައި ދިނުމުގައި، އީ-ޕޯޓްފޯލިޔޯ ބޭނުންކުރުމުން ދަރިވަރުންނަށް ގިނަގުނަ ފައިދާތަކެއް ލިބޭކަމަށް ފާހަގަކުރެވިފައި ވެއެވެ. އެއް ކަމަކީ، ދަރިވަރުންގެ ވިސްނުމުގެ ހުނަރު ޚާއްސަކޮށް އުފެއްދުންތެރި ވިސްނުން (ކްރިޓިކަލް ތިންކިންގ) ތަރައްގީވުމަށް މަގުފަހި ވުމެވެ. ދެވަނަ ކަމަކީ މައްސަލަ ހައްލުކުރުން ނުވަތަ ޕްރޮބްލަމް ސޯލްވިންގގެ ހުނަރު ތަރައްގީވުމެވެ. މިބުނެވުނު ދެކަމަކީވެސް އީ-ޕޯޓްފޯލިޔޯ އެކުލަވާލުމަށްޓަކައި ފުންކޮށް، ފުޅާކޮށް ވިސްނައިގެން ދަރިވަރުން ކުރާ ތަފާތު މަސައްކަތްތަކުގެ ތެރެއިން ތަރައްގީކުރެވޭ ދެ ހުނަރެވެ. އީ-ޕޯޓްފޯލިޔޯގެ ސަބަބުން ދަރިވަރުންގެ އުފެއްދުންތެރިކަން (ކްރިއޭޓިވިޓީ) އިތުރުވާ ކަމަށްވެސް ފާހަގަކުރެވިފައި ވެއެވެ. އެހެނީ އޮންލައިން މަންސައެއްގައި ތަފާތު ތަކެތި އުފައްދައި، އެ ތަކެތި އައު ގޮތްގޮތަށް ހުށައެޅުމަށް އީ-ޕޯޓްފޯލިޔޯގެ ތެރެއިން ދަރިވަރުންނަށް ބާރުއެޅެއެވެ. އަދި މިނޫނަސް ދަރިވަރުންގެ ޓެކުނޮލޮޖީ ބޭނުންކުރުމުގެ ހުނަރު ކުރިއެރުން ފަދަ އިތުރު ބައެއް ކަންކަންވެސް ފާހަގަކުރެވިފައި ވެއެވެ.

އީ-ފޯޓްފޯލިޔޯ ހެދުމަށް ބޭނުންކުރެވިދާނެ އެތައް ޓޫލް އެއް ނުވަތަ ވަސީލަތެއް ބާޒާރުގައި ދައުރުވަމުން ދެއެވެ. މީގެތެރޭގައި ހިލޭ ބޭނުންކުރެވޭ އެއްޗެއްސާއި އަގުދީގެން ބޭނުންކުރެވޭ އެއްޗެހި ހިމެނެއެވެ. ހަމައެހެންމެ މޫޑްލް ފަދަ ލަރނިންގ މެނެޖްމަންޓް ސިސްޓަމެއްގެ ތެރެއިން ބޭނުންކުރަން ރަނގަޅު އެއްޗެއްސާއި މިފަދަ ސިސްޓަމަކާ ނުލައި ވަކިވަކި މުދައްރިސުންނަށް ފަސޭހަ ކަމާއެކު ބޭނުންކުރެވިދާނެ ތަކެތިވެސް ހިމެނެއެވެ. މިލިޔުމުގައި ފާހަގަކޮށްފައިވާ ދެތިން ވަސީލަތަކީ ހިލޭ ބޭނުންކުރެވުމުގެ އިތުރުން ވަކިވަކި މުދައްރިސުންނަށް ބޭނުންކުރަން ފަސޭހަ ވާނޭކަމަށް ލަފާކުރެވޭ ވަސީލަތްތަކެކެވެ.

ފުރަތަމަ ވަސީލަތަކީ ގޫގުލް ސައިޓްސް (Google Sites) އެވެ. މިއީ ގޫގުލް އެކައުންޓެއް އޮތް ކޮންމެ މީހަކަށްވެސް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. ދަރިވަރުން އުފައްދާ ލިޔުންތަކާއި ފޮޓޯ އަދި ވީޑިޔޯ ފަދަ އެކި ބާވަތުގެ މަސައްކަތް އެއްކޮށް ޖަމާކުރަން އެކަށޭނަ އެއްޗެކެވެ. އެހެން އިބާރާތަކުން ބުނާނަމަ އީ-ޕޯޓްފޯލިޔޯ ހަދަން ގޫގުލް ސައިޓްސް ބޭނުންކުރުމަކީ ދަރިވަރު ބޭނުންވާގޮތަށް އަމިއްލަ ވެބްސައިޓެއް ހަދައި، އޭނާގެ މަސައްކަތް އޭގައި ޝާއިއުކުރުން ފަދަ ކަމެކެމެވެ. ދަރިވަރު ބޭނުންވާ ގޮތަށް ޕޯޓްފޯލިޔޯގެ ތީމް، ކުލަ އަދި ފަރުމާ ބަދަލުކޮށް، ކޮންޓެންޓް ތަރުތީބުކޮށް، މުދައްރިސްގެ އިތުރުން ބެލެނިވެރިޔާ އާއެކު ހިއްސާކުރަން މިއީ ވަރަށް މުނާސަބު ވަސީލަތެކެވެ.

އެވަރނޯޓް (Evernote) އަކީވެސް އީ-ޕޯޓްފޯލިޔޯ ހެދުމަށް ބޭނުންކުރެވިދާނެ ރަނގަޅު ވަސީލަތެކެވެ. އެވަރނޯޓް އެކައުންޓެއް ހެދުމަށްފަހު ކޮންމެ ދަރިވަރަކަށްވެސް ފިލާވަޅާ ގުޅިގެން ކުރެވޭ މަސައްކަތްތައް ނޯޓުގެ ގޮތުގައި ފިލާވަޅުތަކުގެ ތަރުތީބުން އެދަރިވަރެއްގެ އެވަރނޯޓް ޕޭޖުގައި ރެކޯޑު ކުރެވިދާނެއެވެ. އެއަށްފަހު އެނޯޓުތަކާ ގުޅިގެން ތަފާތު ބާވަތުގެ މީޑިޔާ ފައިލްތައް، މިސާލަކަށް، އެޓެޗްމެންޓްތައް، ލިންކުތައް، ފޮޓޯ އާއި އޯޑިޔޯ ފަދަ އެއްޗެއްހި އަޕްލޯޑްކޮށް އުނގެނުމުގެ ފުރިހަމަ ރެކޯޑެއްގެ ގޮތުގައި ދަރިވަރުގެ ހުރިހާ މަސައްކަތެއް އެއްކޮށް ޖަމާ ކުރެވިދާނެއެވެ. އެވަރނޯޓުގެ ޚާއްސަ އެއްކަމަކީ އެކަކަށްވުރެ ގިނަ މީހުންނަށް އެވަރނޯޓް އެޑިޓްކުރެވުމެވެ. މިހެންވުމުން ގިނަ ދަރިވަރުން ގުޅިގެން ކުރާ އޮންލައިން ގުރޫޕް މަސައްކަތެއް ދިނުމަށްވެސް މިއީ ރަނގަޅު ވަސީލަތެކެވެ.  

ވީބްލީ (Weebly) އަކީ ވެބްސައިޓް ހެދުމަށް، ޚާއްސަކޮށް އޮންލައިން ވިޔަފާރިތަކަށް ވެބްސައިޓް ހެދުމަށް ޚާއްސަ މަންސަ އެކެވެ. ނަމަވެސް އުނގެނުމުގެ ބޭނުންތަކަށް އީ-ޕޯޓްފޯލިޔޯ ހެދުމަށްވެސް މިއީ ވަރަށް އެކަށޭނަ ވަސީލަތެކެވެ. ވީބްލީގެ ހިލޭ ބޭނުންކުރެވޭ ޕްލޭން ބޭނުންކޮށްގެން މުދައްރިސާއި ދަރިވަރުންނަށް އީ-ޕޯޓްފޯލިޔޯގެ މަސައްކަތް ކުރެވިދާނެއެވެ. ގޫގުލް ސައިޓްސް އެކޭ އެއްފަދައިން ދަރިވަރަށް ޕޯޓްފޯލިޔޯގެ ޓެމްޕްލެޓެއް އިޚްތިޔާރުކޮށް، ބޭނުންވާގޮތަށް ކުލަ އާއި ފަރުމާ ބަދަލުކޮށް މާއްދާ ގުޅިގެން ކުރާ ތަފާތު ބާވަތުގެ މަސައްކަތް ޝާއިއު ކުރެވިދާނެއެވެ. މިކަން ކުރުމަށްޓަކައި ކޮންމެހެން ވެބްސައިޓް ޑިޒައިންކުރުމުގެ މައުލޫމާތާއި ހުނަރު ދަރިވަރާއި މުދައްރިސަށް ބޭނުމެއް ނުވާނެއެވެ. 

މަތީގައި ބުނެވުނު ޓޫލްތައް ފިޔަވައި، އީ-ޕޯޓްފޯލިޔޯ ހެދުމަށް ބޭނުންކުރެވިދާނޭ ކިތަންމެ އުފެއްދުމެއް ވަނީ ބާޒާރަށް ނިކުމެފައެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ޓެކުނޮލޮޖީ އަކީ ހަމައެކަނި މެދުވެރިއެކެވެ. ނުވަތަ ވަސީލަތެކެވެ. މުހިއްމީ އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ބޭނުންކުރެވޭ ގޮތެވެ. ނުވަތަ ހިފާ ބޭނުމާއި އެބޭނުން ހިފާގޮތެވެ. މިހެންވުމުން ހުރިހާ ހާލަތެއްގައި އެންމެ އަގުބޮޑު، ނުވަތަ އެންމެ މަޝްހޫރު އުފެއްދުމަކީ އެންމެ ބޭނުންތެރި އުފެއްދުމަށް ނުވެދާނެއެވެ. ބޭނުންވަނީ މިކަމުގެ އެކަށޭނަ މައުލޫމާތާއި ހުނަރު މުދައްރިސުންނަށް ފޯރުކޮށްދިނުމެވެ. އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމެވެ. (ނޯޓް: މިލިޔުންވަނީ މީގެ ކުރިން 30 ޑިސެމްބަރު 2019 ގައި، ސަން.އެމްވީ ގައި ޝާއިއުކުރެވިފައެވެ.)